ރަމަޟާން މަހަކީ ހުރިހާ މުސްލިމުންވެސް، އަޅުކަމުގައި އެންމެ ބޮޑަށް ހީވާގިވާ މައްސަރެވެ. ހަމަ އެގޮތަށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންވެސް މި ބަރަކާތްތެރި މައްސަރުގައި ގިނައިން ހެޔޮއަމަލުކުރުމަށް ބޭނުންވާނެއެވެ. ނަމަވެސް ފަލަސްތީނަށް ގަދަކަމުން އަރައިގަނެގެން އުޅޭ އިސްރާއީލުގެ ޔަހޫދީންގެ ދުއްތުރާތަކާއި ހެދި އެމީހުންނަށް ކުރިމަތިލާން ޖެހިފައިވަނީ ހިތްދަތި ދުވަސްތަކަކާއެވެ.
އިސްރާއީލުގެ ޔަހޫދީ ފައުޖުން ވަނީ މި ރަމަޟާން މަހުގައި ފަލަސްތީނުގެ މުސްލިމުންނަށް މަސްޖިދު އަލްއަޤްޞާއަށް އަޅުކަމަށް އެރުން މަނާކޮށްފައެވެ. އެގޮތުން އުމުރުން 40 އަހަރުން ދަށުގެ އެއްވެސް މީހަކަށް އެ މިސްކިތައް ނޭރޭޢގޮތަށް ވަނީ ހަދާފައެވެ.
ޔަހޫދީންގެ މި އަނިޔާވެރި ނިންމުމާއި ގުޅިގެން ޤުދުސްގައިވާ އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެގޮތުން އަޅުކަމަށް އަލްމަސްޖިދުލް އަޤްޞާ މިސްކިއް ކައިރިއަށް ޖަމާވަމުން އަންނަ ފަލަސްތީނުގެ މުސްލިމުންނާއި އިސްރާއީލުގެ ޔަހޫދީނ ސިފައިންނާއި ދެމެދު ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެންމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވަނީ ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވައިފައިވަނީ އަލްމަސްޖިދުލް ޙަރާމްއިން އަލްމަސްޖިދުލް އަޤްޞާއަށް ކަމުގައެވެ. ހަމައެހެންމެ މަސްޖިދުލްއަޤްޞާއަކީ އެތަނުގެ ވަށައިގެން ﷲ ބަރަކާތް ލައްވައިފައިވާ ތަނެއް ކަމުގައި ވަރަށް ސާފުކޮށް ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މަސްޖިދުލްއަޤްޞާއަކީ ކީރިތި މާތް ރަސޫލާގެ އިސްރާގެ ދަތުރުފުޅާ ވެސް ގުޅިފައިވާ ބަރަކާތްތެރި މަޤާމްފުޅެކެވެ.









