ރޯދައިގެ ހިކުމަތަކީ ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ރޯދައިގެ ޚިކުމަތް“ މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ކުހުރު ޚުތުބާގައި ބުނީ ރޯދައިގެ ހިކުމަތަކީ ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުން ކަމަށާއި އަދި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުތީބީ ފިލާވަޅެއް ކަމަށެވެ.
މުޅި ދުވާލު ނުކައިނުބޮއި ހުރުމުން ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫހާނީ ބާރު އިތުރުވެގެންދާ ކަމަށާއި އަދި އެކަމުގެ ނަތީޖާ އަކީ ނުބައިކަންތައްތަކަށް އަރައިގަތުމާއި ދުރުހެލިވުން ކަމަށާއި، ދުލުން ހަޑިހުތުރު ބަސް ކިޔުމާއި ޒުވާބުކުރުމާއި ދުރުވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ރޯދަ ހިފުމުގެ ސަބަބުން ފަގީރުންނާއި ނިކަމެތިންގެ ހާލަތު އިހުސާސްވެ އެފަދަ މީހުންނަށް އެހީވުމަށް ހިތްވަރު ލިބޭކަމަށާއި ރޯދަ އަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާއި މެދުގައިވާ ސިއްރެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ މާތް ﷲގެ ރުއްސެވުން ހޯދުމަށްކަމަށާއި ރޯދަވެރިޔާ އަށް އޭގެ މިންވަރު ނޭނގޭ ގިނަ ގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވައުދުކުރައްވާފައި ވަނީ މި އަޅުކަމުގެ އިޚުލާސްތެރިކަން ބޮޑުކަމުންކަން ހުތުބާގައި ބުނެފައިވެއެވެ.
ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާ ކުރާ އަމަލުތައް ﷲތަޢާލާ ބައްލަވާ ވޮޑިގެންވާކަން ދެނެގަނެ ނަފްސު ތަހުޛީބުކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުކުރު ހުތުބާގައި ބުނީ ރޯދަ އަކީ ހުރިހާ މާނައެއްގައި ލިބޭ ރައްކާތެރިކަމެއް ކަމަށެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތާއި، އޭގެ ފައިދާ ހާސިލްކުރެވޭނީ ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަަތަށް ތަބަޢަވާން ޖެހޭކަން ހަނދުމަކޮށްދީފައިވެއެވެ.
ރޯދަ އަށް ހުންނަ އިރު އިހުސާސްވާ ކަރުހިއްކުމާއި ބަޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހުސާސް ދެނެގަނެވޭ ކަމަށާއި އެމީހުންނަށް އެހީވުމަށް ނަފްސު އެދި ގޮވާނެ ކަަމަށް ވަނީ ބުނެފައެވެ. އަދި ރޯދައިން ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށް ޒީނަތްތެރި ކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.









