Search Streamline Icon: https://streamlinehq.com

ކައުންސިލަރުންގެ އަދަދު މަދުކުރަން ކޮމިޓީން ފާސްކޮށްފި

Screenshot 2025 11 25

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މުހިންމު އިސްލާޙުތައް، މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ. މި އިސްލާޙުތަކުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި އިސްލާޙުތައް ފާސްކުރެއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުތައް ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީންނެވެ. މިކަން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މިއަދުއެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން އެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާއި ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މީގެ މަޤްސަދަކީ އަތޮޅު ކައުންސިލްތައް އުވާލައި، ލާމަރުކަޒީ ނިޒާމުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ފުޅާކުރުމެވެ.

އެންމެ ގިނަ އިސްލާޙުތަކެއް ހުށަހަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން، ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު އާބާދީއާ ގުޅުވައިގެން ބަދަލުކުރެވޭނެއެވެ. 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނުގައިވާ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބަވާނެއެވެ.

މި އިސްލާޙުގެ ދަށުން އަންހެނުންގެ ޚާއްސަ ގޮނޑިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ޖެހޭނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) މެންބަރުންގެ އަދަދަށާއި، އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާ ގޮތަށްވެސް މި އިސްލާޙުގެ ދަށުން ބަދަލު ގެނެވޭނެއެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަޤާމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ، އިތުރު އިސްލާޙުތަކެއް ގެންނަވާފައެވެ. އެގޮތުން މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި އާބާދީއަށް ބަލައި ސިޓީ ކައުންސިލަރުންގެ އަދަދު ކަނޑައަޅާނެއެވެ. އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅުންހުރި ކައުންސިލަރުންނަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް އަދި އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ޕާޓީއަކާ ގުޅިއްޖެނަމަ ގޮނޑި ގެއްލޭގޮތަށްވެސް އިސްލާޙު ވަނީ ހުށަހަޅުއްވާފައެވެ.

ކޮމިޓީގައި މި އިސްލާޙުތަކާއެކު ބިލު ފާސްކުރައްވާފައިވާއިރު، މި ބިލުތައް ދެން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *