ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް ދިނުމަށް ކުރިން ނިންމި މުސާރަ ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
މި ބަދަލު ގެނައުމުގެ ކުރިން ޕޭ ކޮމިޝަނުން ނިންމާފައި އޮތީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 41,500 ރުފިޔާ ދިނުމަށެވެ. އެ އަދަދު ވަނީ 20,000 ރުފިޔާއަށް ކުޑަކޮށްފައެވެ. ސިޓީތަކުގެ ރައީސުންގެ މުސާރައަށް ބަދަލު ގެނައި ނަމަވެސް، ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް ދިނުމަށް ކުރިން ކަނޑައެޅި 21,000 ރުފިޔާގެ މުސާރަ މިވަނީ 15،000 ރ. އަށް ކުޑަކޮށްފައެވެ.
މުސާރައަށް ގެނައި މި ބަދަލުތަކާއެކު، ސިޓީތަކުގެ ކޮމެޓީތަކުގެ ނައިބު ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު ލިބޭނީ 7,000 ރުފިޔާއެވެ. އަދި މެންބަރުންނަށް 6,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ރަށްރަށުގެ ކޮމެޓީތަކުގެ ނައިބު ރައީސުންނަށް 6,000 ރުފިޔާ އަދި މެންބަރުންނަށް 5,000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން، ނައިބު ރައީސުންނާއި މެންބަރުންނަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ ސީޓިން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ 2,000 ރުފިޔާއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންމެ ފުރަތަމަ ޕޭ ކޮމިޝަނަށް ހުށަހެޅީ ސިޓީތަކުގެ ރައީސުންނަށް 20,000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 15,000 ރުފިޔާގެ މުސާރައެއް ހަމަޖެއްސުމަށެވެ. ނަމަވެސް ފަހުން މި އަދަދުތައް ވަނީ ބޮޑުކޮށްފައެވެ.










