މާލޭ، ލޯކަލް މާރުކޭޓު ހިންގަމުންދާ ބިމުގައި މަސްމާރުކޭޓެއް ހިމެނޭގޮތަށް މުޅިންއަލަށް މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
މާލޭގެ އުތުރުފަރާތުގައި ޢީމާރާތްކުރާ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ތުފިޔާ، ނުވަދިހަ ހަތަރު ލާރި)އަށެވެ.
ހަ ފަންގިފިލާއަށް އިމާރާތްކުރާ ވެޓް މާކެޓް ކޮމްޕްލެކްސްގައި ޕާރކިންގއަށް ބޭސްމަންޓްއިން ޚާއްޞަ ޖާގައެއް ކަނޑައަޅާއިރު ގްރައުންޑް ފްލޯގައި ހުންނާނީ މަސްމާރުކޭޓެވެ. 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ވެޖިޓަބަލް މާރކެޓް ހުންނައިރު 4 ވަނަ ފްލޯގައި ފުޑް ކޯޓު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.









