Search Streamline Icon: https://streamlinehq.com

މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދޭނަން: ރައީސް ޞާލިޙް

Veyvah Raees Solih fenvaruonline

ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މުލަކަތޮޅު ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވޭވަށަކީ ފުޅާދާއިރާއެއްގައި މަސްގަނެ މަސްކައްކާ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ރަށެއް ނަމަވެސް މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާގޮތަށް ބަނދަރެއް ހެދިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 38 ރަށެއް ގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހިރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ޤާޢިމުކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން ކަމުގައެވެ. ވޭވަށުގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެނާނަރުދަމާގެ ޚިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުގެ ޕްލޭނާއެކު ކުރިޔަށްގެންދަވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްޤީއަށް ޚަރަދުކުރީ ގާތްގަޑަކަށް 2 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން މި ފާއިތުވި 4 އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާކަމުގައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް އަދި ވަކި ވިސްނުމެއްގެ ބަޔަކު ބާކީ ނުކޮށް ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *