Search Streamline Icon: https://streamlinehq.com

މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެ

Dheenee Vaahaka fenvaruonline

އަބޫ ޢައްޒާ އަލް ޖުމާހީ އަކީ ޤުރައިޝުންގެ މަޝްހޫރު ޅެންވެރިއެކެވެ. އޭނާގެ ކުޅަދާނަ ޅެންވެރިކަމުން، މުޝްރިކުންގެ ލޭކައްކުވައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ހިތްވަރުދީ ފޯރިޖައްސުވައި، އުޅުނެވެ.

ކޮންމެއަކަސް ބަދުރު ހަނގުރާމައިގެ ދުވަހު، މުސްލިމުންގެ އަތްދަށުގައި ހައްޔަރުވި އަސީރުންގެ ތެރޭގައި މީނާވިއެވެ. ފަހެ ރަސޫލުއްﷲ ސައްލަﷲ އަލައިހި ވަސަލަމަގެ ކުރިފުޅުމައްޗަށް މީނާ ހާޒިރު ކުރެވުމުން ދެންނެވިއެވެ. “އޭ މުޙައްމަދުގެފާނެވެ. އަހަންނަކީ ފާޤީރު މީހަކީމެވެ. އަހަންނަށް ބަލަދު އަރާ ބޭނުންޖެހިފައި ތިބި އެތަށް ބަޔަކު އެބަތިއްބެވެ. ކަލޭގެފާނަށްވެސް މިކަންތައް އެނގިލައްވާނެއެވެ. އެހެންކަމުން އަހުރެންގެ މައްޗަށް ރަހުމްކުރައްވާށެވެ. މާތްރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ރަހުމްކުރައްވާނެތެވެ.” ފަހެ މީނާގެ ވާހަތައް އަޑުއައްސަވާފައި އެވެސް ޝަރުތަކާއި ނުލައި، ރަސޫލުﷲގެފާނު މީނާ ދޫކޮށްލެއްވިއެވެ.

އެއަށްފަހު ބަދުރުގެ ކަންތައް ނިމި އުހުދު ހަނގުރާމައާއި ލައިގަތެވެ. އެހެނީ ބަދުރު ހަނގުރާމައިގައި ލިބުނު ނާކާމިޔާބީއަކީ މުޝްރިކުންގެ ލަގޮނޑިޔަށް ކެތްވާވަރު ކަމަކަށް ނުވީއެވެ. ލިބުނު ލަދުވެތިކަމާއި ހިތާމަތަކުން އަރައިގަތުމަށްޓަކައި އެވެރިން ބޭނުންވީ އަރަބިކަރައިން މުސްލިމުންގެ ވަސްވެސް ފޮހެލުމަށެވެ. އެކަމަށްޓަކައި މުޝްރިކުން ދިޔައީ، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާނެ ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރަމުންނެވެ. މުސްލިމުން ނައްތައިލުމަށް ކުރެވުނުހާ ކަމެއް ކުރަމުން، ޖާނާއި މާލު އެކަމަށްޓަކައި ޤުރުބާން ކުރަމުންނެވެ. ތަނަވަސް މީހުން ހުރީ ހަނގުރާމައަށް ތައްޔާރުވުމަށް އެވެރިންގެ ޚަޒާނާތައް ތަންމިނަށް ހުޅުވާފައެވެ. ޅެންވެރިން ދިޔައީ އެވެރިންގެ ޅެންތަކުން، ހަނގުރާމައިގެ ފޯރިޖައްސުވައި ލޭކައްކުވަމުންވެ.

ދެންފަހެ ޤުރައިޝުންގެ ބޮޑެއްކަމުގައިވާ ސަފްވާނު ބުން އުމައްޔާ، އަބޫ ޢައްޒާ އަލް ޖުމައިހީ ގާތަށް ގޮސް ބުންޏެވެ. “ހަމަކަށަވަރުންވެސް ކަލެއަކީ ކުޅަދާނަ ޅެންވެރިއެކެވެ. އެހެންކަމުން މިކަމުގައި ކަލޭ އަހުރެމެންނަށް އެހީތެރިވެދޭށެވެ. ޅެންތަކުން އަހުރެމެންގެ ފަހުލަވާނުންނަށް ހަނގުރާމައިގެ ފޯރި ގެނުވާށެވެ. ހިތްވަރުދޭށެވެ.”

އެހިނދު އަބޫ އައްޒާ ބުންނެޏެވެ. “އޭ ސަފްވާނުއެވެ. ބަދުރުގެ ދުވަހު މުޙައްމަދުގެފާނު ވަނީ އަހުރެންނާއި މެދު އިޙްސާންތެރިވެ، އަހުރެންނަށް މިނިވަންކަން ދީފައެވެ. އެކަލެގެފާނުގެ އެ އޯގާތެރިކަމާއި ދެކޮޅުވެރިވާން އަހުރެން ބޭނުމެއް ނުވެއެވެ.”

ސަފްވާން ބުނޏެވެ. “ތިޔަހެން ނަހަދާށެވެ. އަހުރެމެންނަށް އެހީތެެރިވެދޭށެވެ. ކަލޭ ސަލާމަތުން ހަނގުރާމައިން އެނބުރި އަތުވެއްޖެ ނަމަ އަހުރެން ކަލޭ މުއްސަނދިކޮށްދޭނަމެވެ. އެކަމަށް އަހުރެން ވަޢުދުވަމެވެ. އަދި ކަލޭ ގަތުލުވެެއްޖެ ނަމަ އަހުރެން ކަލޭގެ އަންހެންދަރިންނާއި އަހުރެންގެ އަންހެ ދަރިން ވިޔަފާރި ބައިވެރިނަނަށް ހަދައި އަހުރެންގެ މުދަލުން ކަލޭގެ ދަރިންނަށް ވެސް ހިއްސާ ދޭނަމެވެ.”

ފަހެ އަބޫ އައްޒާ މީނާގެ ބަހަށް ހެއްލި އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އަދި ހަނގުރާމައިގައި ބައިވެރިވެ، އެންމެ ފަހުން މުސްލިމުގެ އަތްދަށުވެ އަސީރެެއްގެ ގޮތުގައި ދެވަނަ ފަހަރަށް ވެސް މަދީނާއަށް ގެންދެވުނެވެ. އެހިނދު މީނާ ކުރިންފަހަރުވެސް ދެއްކި ވާހަކަތައް ދައްކައި ރަސޫލުﷲގެފާނުގެ އަރިހުގައި އާދޭސް ދަންނަވަން ފެއްޓިއެވެ.

އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. “އޭ އަބޫ އައްޒާއެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެ ކޯތާފަތް ދެން މައްކާގެ ބިމުގައި ނުޖެހޭނެއެވެ. ހަމަކަށަވަރުންވެސް، ތިމަން މިއައީ މުހައްމަދުގެފާނަށް އޮޅުވާލާފައޭ ބުނުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ތިބާއަކަށް ނުލިބޭނެއެވެ. އެހެނީ މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.”

އެއަށްފަހު ވިދާޅުވިއެވެ. “އޭ އައްޒުބައިރުއެވެ. މީނާ ގަތުލުކޮށްލާށެވެ.” ދެންފަހެ ރަސޫލުﷲގެފާނުގެ އަމުރުފުޅަށް ޒުބައިރުގެފާނު އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލައްވައި، އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ.

މަސްދަރު: ޖެމްސް އެންޑް ޖެވެލް / އަބްދުލް މާލިކް މުޖާހިދް

ލިއުނީ: މުޙައްމަދު ބުން ސަލީމް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި