މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 41 ވަނަ ނެޝަނަލް ބާސްކެޓްބޯލް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގެ ޓީމުތައް ވާދަކުރި މި މުބާރާތް ކުރިއަށް ދިޔައީ 12 ނޮވެންބަރުން 14 ޑިސެންބަރަށް ސޯޝަލް ސެންޓަރުގައެވެ. މި މުބާރާތުގައި 6 ފިރިހެން ޓީމާއި 5 އަންހެން ޓީމު ހިމެނޭހެން ޖުމްލަ 11 ޓީމު ބައިވެރިވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ މި މުބާރާތުގެ މެއިން ސްޕޮންސަރއެވެ. ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުމަށް މި އަހަރު ބޭންކް އޮފް މޯލްޑިވްސްއާއި އެމްބީއޭއިން ވަނީ 5 އަހަރުގެ ސްޓްރެޓެޖިކް އެސްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ނެޝަނަލް ބާސްކެޓްބޯލް މުބާރާތުގެ އިތުރުން ނެޝަނަލް 3 އޮން 3 ލީގަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.













