ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 69 މީހަކަށް ޖުމުލަ 740،805.79ރ. ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޒަކާތު އައުސްއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައެވެ. މި ރިޕޯޓުގައި ވާ ގޮތުގައި ނިމިގެން ދިޔަ ފެބްރުއަރީ މަހުގައި އެހީގެ ގޮތުގައި 69 މީހަކަށް ޖުމްލަ 740،805.79ރ. ވަނީ ހަރަދުކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 829،948.10ރ. އެވެ.
ޒަކާތު ހައުސްއިން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާ ގޮތުން އެހީ ދެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކެންސަރު, ހިތުގެ އޮޕަރޭޝަން, ސިކުނޑީގެ އޮފަރޭޝަން އަދި ޓްރާންސްޕްލާންޓެވެ. އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 245،948.50ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 16،962ރ. ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 76،329ރ., ސިކުނޑީގެ އޮޕަރޭޝަންތަކަށް 16،962ރ. ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން އެހެނިހެން ކަންކަމަށް 473،746 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12،7500ރ. ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހާއްސަ ހާލަތްތައް މެދުވެރުވެގެން ހާލުގައި ޖެހޭ މީހުންނެވެ.
އެހެނިހެން ޚަރަދުގެ ގޮތުގައި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 374،950.28ރ. ޚަރަދުކޮށްފައިވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި 192،432.81ރ. ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ޖަލްސާ އަދި ސެމިނަރ ފަދަ ކަންތައްތަކަށް 93,761.61ރ. ހަރަދުކޮށްފައިވެއެވެ.









