މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް އަލުން މެންބަރުން އައްޔަންކުރުމަށްޓަކައި ބޯޑުގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން ވަޒީރަށް ލަފާދިނުމަށްޓަކައި ”މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު“ އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެ ބޯޑުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން ފަތުރުވެރި ކަމުގެ ދާއިރާ، ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ، އަންހެން ވިޔަފާރިވެރިންގެ ދާއިރާއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން މެމްބަރުން މިބޯޑަށް މެމްބަރުން ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް މިދާއިރާތަކުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ނަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިދިޔަ ސަރުކާރުން އެކުލަވާލި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެގާރަ ބޭފުޅުންނަކީ ޑެޕިއުޓީ މިނިސްޓަރ، އިޤްތިޞާދީި ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ސަރުކާރު (ޗެއާޕާސަން)، މުޙައްމަދު ފައިޒަލް ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު ޒުބައިރު އާދަމް އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރ، އަދުނާން ހަލީމް ޖެނެރަލް ސެކްރެޓަރީ، ޝާއިރާ ސަލީމް ޗެއާޕާސަން، އިބްރާހިމް އަލީ ޖަލީލް، ނައިބު ރައީސް، މައުރޫފް ޒާކިރު ސެކްރެޓަރީ ޖެނެރަލް، ފާތިމާ ޒިމްނާ ސެކްރެޓަރީ ޖެނެރަލް، އަހުމަދު ނާޒިމް ޓެކްނިކަލް އެޑްވައިޒަރ، އައިޝަތު ރުޚުސާނާ ރައީސް، އަހުމަދު ޞަލާޙް ރަޖިސްޓްރާ އެވެ.
އެޑްވައިޒަރީ ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުން މި ހިނގާ މާރިޗު މަހުގެ 25 ވަނަ ދހުވަހުގެ 23:59 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުޞަތު މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިންވަނީ ހުޅުވާލާފަ އެވެ.









