މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާނުކޮށްފިއެވެ.
މިކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށާއި ޝައްވާލްމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1445 ރަމަޟާން 29 (2024 އޭޕްރީލް 08) ވާހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ބޭރު ގައުމަކަށް ހަނދު ފެނިއްޖެ ނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.









