އަންނަ މެއިމަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ ބައި- އިލެކްޝަންތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާއާއި މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ. 
އެ ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ހއ.އުތީމު، ނ.ލަންދޫ، ވ.ފެލިދޫ، ކައުންސިލް މެންބަރު އަދި ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް އަންނަ މެއި މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ވަނީ ހަމަޖައްސަވާފަ އެވެ.
މި އިންތިޚާބުތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ”ޝަކުވާ އާއި މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް ކަމަށާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވަ އެވެ. އަދި ފޯމު އީމެއިލް ކުރައްވާނީ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ [email protected] އަށް ކަމަށްވެސް އީސީން ހާމަކުރައްވަ އެވެ.

ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށެވެ. އަދި ވޯޓު ނަގާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާއާއި މައްސަލަ ހުށަހެޅޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވަ އެވެ.
އީސީން ހާމަކުރެއްވި ގޮތުގައި ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.









