ސައުދީ ޕްރޮފެޝަނަލް ލީގު ޗެމްޕިއަން އަލް ހިލާލް އިން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުލަބުގެ ރައީސް ފަހަދް ބިން ނަފެލް ވިދާޅުވެއްޖެއެވެ.
ސައުދީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަންނަ ސީޒަނަށް ކުލަބް އިތުރަށް ވަރުގަދަ ކުރުމަށް މެސީ ގެނައުމަށް ހިލާލް އިން އަންނަނީ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އަންނަ ޓްރާސްފާ ބާޒާރުގައި މެސީ އަށް ބޮޑު ހުށައެޅުމެއް ހުށައަޅަން މިހާރު އެ ކުލަބުން އޮތީ ތައްޔާރުވެފައެވެ.
އަލް ހިލާލްގެ ރައީސް ފަހަދް ބިން ނަފެލް އާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އެ ކުލަބުން މިހާރު އަންނަނީ މިކަމާއި ގުޅިގެން މެސީގެ އެޖެންޓާއި މަޝަވަރާތައް ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މި މަޝްވަރާތަކަށް ފަހު، ހިލާލް އިން ހުށައަޅާ ހުށައެޅުންތަކަށް މެސީ އެއްބަސް ވާނަމަ އޭނާ ހިލާލް އަށް ގެންނާނެއެވެ.
ނަމަވެސް ހިލާލް އިން މެސީ ގެނައުމަށް ހުށައަޅާނީ ކިހާ އަދަދެއްގެ ހުށައެޅުމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މެސީ މިވަގުތު ކުޅެމުން އަންނަނީ އެމެރިކާ މޭޖަރ ލީގުގެ އިންޓަ މިއާމީއަށެވެ. މީގެ ކުރިންވެސް ހިލާލް އިން ވަނީ މެސީ ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެސީ އެއްބަސް ނުވުމުން އެފަހަރު އެކަން ވަނީ ނާކާމިޔާބު ވެފައެވެ.









