މަޖިލިސް އުފެދުނުތާ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ 19 ވަނަ މަޖިލީހުން ކަމަށް 19 ވަނަ މަޖިލިޙުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް އުފެދުނުތާ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ 19 ވަނަ މަޖިލީހުން ކަމަށާއި އެގޮތުން 530 ޖަލްސާ ބޭއްވުނުއިރު، 178 ބިލާއި، 73 ގަރާރާއި، ސަރުކާރުން ހުށަހެޅި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލައިގެ އިތުރުން މެމްބަރުން ހުށަހެޅި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މަޖިލީހުން ފާސްކުރި މުހިއްމު ބިލުތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކާ ބެހޭ ބިލާއި، ގާނޫނީ ފަންނުގެ ބިލާއި، މަސްވެރިކަމާއި ބެހޭ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ފެނާއި ނަރުދަމާގެ ބިލުގެ އިތުރުން ތައުލީމީ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ފުލުހުންގެ ބިލު ހިމެނެ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ މި މަހުގެ 28 ގަ އެވެ.
ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 73 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 77 އަށް މިހާރު ވަނީ އަރާފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑި އެވެ.









