Search Streamline Icon: https://streamlinehq.com

އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރުގެ ޖަނާޒާއަށް މިނިސްޓަރ އާދަމް ޝަރީފް އީރާނަށް ވަޑައިގެންފި 

Adam shareef Iran

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، އީރާނަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އީރާނަށް ވަޑައިގަންނަވާ މިނިސްޓަރު އާދަމް ޝަރީފްގެ މި ދަތުރުފުޅުގައި ރައީސީއަށާއި ޚާރިޖީ ވަޒީރަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވުމާއި އީރާނު ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސް ރައީސީ އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގެ ނައިބު ރައީސް ޑރ. މުހައްމަދު މުޚްބިރު ވަނީ ވަގުތީ ގޮތުން އީރާނުގެ ރައީސްކަމުގެ މަސްޢޫލިއްޔަތު ތަކާއި ހަވާލުވެވަޑައިގެންފަ އެވެ. އީރާނުގެ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން، އެޤައުމުގެ ރައީސް އަވަހާރަވެއްޖެ ނަމަ 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި އައު ރައީސަކު އިންތިޚާބު ކުރަން ޖެހޭނެ އެވެ.

އީރާނުގެ ރައީސް ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނުކަމަށް މީޑިއާ ރިޕޯޓުތައް ބުނަނީ މޫސުން ގޯސްވެ، ދުންފިނި ބޯވެފައި އޮތް ސަރަހައްދަކަށް ކަމުގަ އެވެ. އަދި  މިހާދިސާގައި ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރާ ގުޅުން ކެނޑުމުންނާއި ބޯކޮށް ވާރޭވެހެމުން ދިޔުމުން އުޅަނދު ހޯދުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ، ދިގުލައިގެން ދިޔަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *