Search Streamline Icon: https://streamlinehq.com

ރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓައި ހިދާޔަތު ފެތުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް

Photo 2024 09 15 09 46 26

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓަވައި އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެ ކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން  ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި މި އޮތް ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދީނާ ގުޅިންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓައި ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެެއް ދެއްވާ ސަރުކާރެއްކަމަށެވެ.

މީގެ އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ ނޫރު ދަމަހައްޓައި އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށާއި، ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިގެން ގޮތްގޮތުން ވެސް އެހީތެރިކަން ދެއްވާނެކަމަށެވެ.

މިއަދު ފެށި ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދީނީ އިޖުތިމާޢީ ކަންކަމުގައި ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 70 ވަރަކަށް ޖަމުޢިއްޔާ ވަނީ ބައިވެރިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *