މިއަހަރު ނިމެންދެން މާލެ‘ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިއްމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ކޮވިޑް-19ގެ މިހާރުގެ ޙާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިހިނގާ ދިރާސީ އަހަރު ނިމެންދެން، މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހިނގާ ދިރާސީ އަހަރު ނިމޭނީ މި ހިނގާ ޖޫން މަހުގެ 24 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގަ އެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން މާލެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ ކުރިން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އަންގާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެފަހަރު ވަނީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދުކުރުމަށް އަންގާފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވެގެން ދިއުމުން މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.









