Search Streamline Icon: https://streamlinehq.com

20 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ތުރުކީގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ

Ap25316221511797 1762928479

އަޒަރުބައިޖާނާ ގުޅިފައިވާ ޖޯޖިޔާގެ ސަރަހައްދެއްގައި ތުރުކީގެ ސީ-130 އަސްކަރީ ކާގޯ މަތިންދާ ބޯޓެއް ވެއްޓި، އެ ބޯޓުގައި ތިބި 20 މީހުން ޝަހީދުވެއްޖެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އަޒަރުބައިޖާނުގެ ގަންޖާ ސިޓީއިން ފުރައިގެން ދަތުރުކުރަނިކޮށެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ކަމަށް ވާއިރު، ބޯޓުގައި ތިބި އެންމެން މަރުވިކަން ތުރުކީގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދިނީ މިއަދުއެވެ.

ބޯޓު ވެއްޓުނު ސަރަހައްދަކީ ޖޯޖިޔާގެ ކާޚަތީ ޑިސްޓްރިކްޓްގެ ސިގްނާގީ މުނިސިޕަލިޓީގައި އަޒަރުބައިޖާނު ބޯޑަރާ 5 ކިލޯމީޓަރު (3.1 މޭލު) ކައިރީގައިވާ ސަރަހައްދެކެވެ. ބޯޓު ވެއްޓުނު ސަބަބު ހޯދުމަށް ތުރުކީގެ އެކްސިޑެންޓް އިންވެސްޓިގޭޝަނުން، ޖޯޖިޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދެއެވެ. ޖޯޖިޔާގެ ސަކައެރޯނެވިގޭޝިއާ އެއަރ ޓްރެފިކް ކޮންޓްރޯލް ސަރވިސްއިން ބުނިގޮތުގައި، ބޯޓު ޖޯޖިޔާގެ ވައިގެ ސަރަހައްދަށް ވަނުމާއެކު ރާޑަރުން ގެއްލިފައިވާއިރު، އެއްވެސް ކުއްލި ސިގްނަލެއް ނުވަތަ މެސެޖެއް ފޮނުވާފައި ނުވެއެވެ.

މި ހާދިސާއަކީ 2020 ވަނަ އަހަރުން ފެށިގެން ތުރުކީގެ އަސްކަރިއްޔާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. އަޒަރުބައިޖާނުގެ މީޑިއާއިން އާންމުކޮށްފައިވާ ވީޑިއޯއަކުން ދައްކާގޮތުން ބޯޓު ވެއްޓުމަށްފަހު ވަރަށް ބޮޑު ކަޅު ދުމެއް ވަނީ އުޑުމައްޗަށް އަރާފައެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ މި ހާދިސާއާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ޝަހީދުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. ތުރުކީއާއި އަޒަރުބައިޖާނަކީ ވަރުގަދަ އިޤްތިޞާދީ އަދި ސަގާފީ ގުޅުންތަކެއް އޮންނަ ދެ ޤައުމެވެ. އަދި އަސްކަރީ ގުޅުންތައް ވެސް ވަރަށް ގާތްކޮށް ބާއްވަމުން އަންނަނީ އަނގަރާ އިން އަޒަރުބައިޖާނުގެ އޮފިސަރުން ތަމްރީނުކޮށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުޒިޔާ ފޮނުވާފައިވާއިރު، އަޒަރުބައިޖާން، ޖޯޖިޔާ، ކަޒަކިސްތާން، ގަތަރު، މިޞްރު، އީރާން، އިޓަލީ އަދި މޯލްޓާގެ ވެރިންނާއި ސަރުކާރުން ވަނީ އެމީހުންގެ ހިތާމަ ފާޅުކޮށްފައެވެ.

ތުރުކީގައި ހުންނަ އެމެރިކާގެ ސަފީރު ޓޮމް ބެރެކް ވެސް ވަނީ އެމެރިކާގެ އެއްބާރުލުން ފާޅުކޮށްފައެވެ. އަދި ނޭޓޯގެ ސެކްރެޓަރީ-ޖެނެރަލް މާކް ރޫޓް ވެސް ވަނީ ތުރުކީއަށާއި ޝަހީދުވި މީހުންގެ އާއިލާތަކަށް ވަރަށް ފުން ހިތާމަފާޅުކޮށްފައެވެ.

ސީ-130 ހަރކިއުލީސް މަތިންދާ ބޯޓު އުފެއްދި އެމެރިކާގެ ކުންފުނި ލޮކްހީޑް މާޓިންއިން ވެސް ވަނީ އެމީހުންގެ ހިތާމަ ފާޅުކޮށްފައެވެ. އަދި ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ސީ-130 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އަސްކަރިއްޔާތަކުން މީހުން، ކާގޯ އަދި އެހެނިހެން ސާމާނު އުފުލުމަށް ފުޅާކޮށް ބޭނުންކުރާ ހަތަރު އިންޖީނުގެ ޓާބޯޕްރޮޕް ޓްރާންސްޕޯޓް މަތިންދާ ބޯޓެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *