Search Streamline Icon: https://streamlinehq.com

”ނަފްރަތު“ ގެ ބިލު އަނބުރާ ގެންގޮސްދެއްވުމަށް މެމްބަރ ސަނީފް ގޮވާލައްވައިފި

L 2019 11 20 023446 fnolv13dmrxhaub6szept2kcyi5wq7984jg EN

ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށްކަމަށް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޤާނޫނުލް ޢުޤޫބާތައް އިޞްލާޙުގެނައުމަށް ހުށައަޅުއްވާފައިވާ ބިލު އަނބުރާ ގެންދެވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޝަނީފް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކިބައިން އެދިވަޑައިގެންފިއެވެ.

މެމްބަރު ސަނީފް މިފަދައިން އެދިވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި މިބިލާ މެދު ބަހުސްކުރަށްވައި ދެއްކެވި ވާހަކައިގައެވެ.

ޢުޤޫބާތު ޤާނޫނަށް އިޞްލާޙުގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވި މި ބިލާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަން ފައްޓަވަމުންވެސް މެމްބަރު ސަނީފު ވިދާޅުވީ މި ބިލު ބަލައިނުގަންނަވާކަމަށެވެ.

ބިލުގައި މިހިނދު ކުށްކަނޑައަޅާފައިވާ ގޮތުގެ ސަބަބުން، އިސްލާމް ދީނާ ޚިލާފަށް އުޅޭ އުޅުމާއި އިސްލާމް ދީނާ ދެކޮޅުވާހަކަތައް ދެއްކުމާއި އިސްލާމް ދީނަށް އަރައިގަންނަ އަރައިގަތުމަކަށް ނިޞްބަތްވާ ގޮތަށް ވާހަކަދެއްކުމަކީ ވެސް ޖިނާއީ ކުށަކަށް ވެގެންދާނެކަމަށް ވިދާޅުވެ، ބިލާ ދެކޮޅުހައްދަވާ ސަބަބު ސަނީފް ހާމަކުރެއްވި އެވެ.

މި ބިލާމެދު އެމަނިކުފާނުގެ ކަންބޮޑުވުން ތަފްޞީލުކޮށްދެއްވަމުން ސަނީފް އިތުރަށް ވިދާޅުވީ، އިސްލާމް ދީނުގެ ޢަޤީދާއަކީ، އިސްލާމް ދީން ޤަބޫލުކޮށް އެދީނުގައި ކަނޑައެޅިފައިވާ ޙުކުމްތަކާއި އެ ދީނުގައި ކަނޑައެޅިފަ އޮތް އުޞޫލުތަކާއި މައިގަނޑު އަސާސްތައް ޤަބޫލުކޮށް އަދި އިސްލާމް ދީނުގައި ނަހީކުރެވިފައިވާ މުންކަރާތްތަކާ ދުރުވެ އެފަދަ މުންކަރާތްތައް މަނާކުރުމަށް ބާރުއެޅުންކަމުގައި ވާއިރު، މި ބިލަކީ މި އަސާސާ ޚިލާފު ބިލެއްކަމަށެވެ.

އަދި މި ބިލު ޤާނޫނަކަށް ވެގެން ހިނގައްޖެ ނަމަ ރާއްޖޭގެ ސިޔާސީ މަސްރަހު މިއޮންނަ ގޮތުން ސިޔާސީ މަޤްޞަދައްޓަކައި އެތައް ރައްޔިތުންނެއް ކުށްވެރިންގެ ގޮތުގައި ކަނޑައެޅި ރާއްޖޭގެ ޖަލުތައް ފުރާލެވިގެން ދާނެކަމީ ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވުމާއެކު މި ބިލު އަނބުރާ ގެންދެވުމަށް މެމްބަރު ސަނީފް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިން އެދިވަޑައިގަންނަވައި އެކަމަށް އިލްތިމާސްކުރަށްވާފައި ވެއެވެ.

މުސްލިމަކު ކާފަރުކުރުން ކުށަކަށް ހަދާ ބިލުގެ ނަމުގައި އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔަ މި ބިލާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޢާންމުންގެ ގިނަ ބައެއްގެ އިތުރުން ދައުލަތުގެ އިދާރާތައްކަމުގައިވާ އެތަކެއް ކައުންސިލްތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

އެގޮތުން، މި ބިލަކީ ޙީލަތްތެރި ރޭވުމެއްގެ ތެރެއިން ހިންގޭ ޖަރީމާއެއްކަމަށް ސިފަކޮށް މިބިލަށް ”ސެކިޔުލަރ ބިލު“ ގެ ނަމުން ޢިލްމުވެރިން ނަންދެއްވައި މި ބިލާދެކޮޅަށް ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް ފައްޓަވާފައި ވެއެވެ.

ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށައެޅި މި ބިލު ބަލައިގަތުމަށް 38 ވޯޓުން މިއަދުގެ ޖަލްސާގައި ނިންމާފައިވާއިރު، ބިލު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވި 17 މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ 4 މެމްބަރަކުވެސް ހިމެނެއެވެ. އެހަތަރު މެމްބަރުންނަކީ ފުވައްމުލައް ސިޓީއަށް ނިޞްބަތްވާ ތިން މެމްބަރުންގެ އިތުރުން މެމްބަރު ސަނީފްކަންވެސް ފާހަގަކޮށްލެވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *