ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލި މައްސަލައެއްގައި އަބްދުއްސަލާމް މޫސާގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ބަލާފައި ވަނީ އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ. އަބްދުއްސަލާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކޯޓުން އޭނާގެ މައްޗަށް ކުރީ 10 އަހަރުގެ މުއްދަތަށް ޖަލަށްލުމުގެ ހުކުމެކެވެ.
މެޖިސްޓްރޭޓް ކޯޓުގެ މި ހުކުމަކީ ގޯސް ހުކުމެއް ކަމަށް ބުނެ، އަބްދުއްސަލާމްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ނިންމީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމަށް ތާއީދު ކުރާ ކަމަށެވެ.
ހައިކޯޓުގެ މި ނިންމުން ގަބޫލުނުކުރެވިގެން އަބްދުއްސަލާމްގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކީ ގާނޫނާ ހިލާފް ހުކުމެއް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ނިންމައިފައެވެ. މިގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކުން ބާރު އަޅާ މިންވަރު، މި ހުކުމުން ދައްކުވައިދެއެވެ.
މި ހުކުމަކީ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުންވެސް ތާއީދުކޮށްފައިވާ ހުކުމެކެވެ.
މި މައްސަލަ ގުޅިފައިވަނީ، ކުޑަކުއްޖަކު އެ ކުއްޖާގެ ގޭގައި ޖޯލިފައްޗެއްގައި ސައިބޯން އިންދައި، އަބްދުއްސަލާމް މޫސާ ކިޔާ މީހަކު އެތަނަށް ގޮސް، ކުއްޖާ އިށީނދެގެން އިން ޖޯއްޔާ އިންވެގެން ވާތްފަރާތުގައި ހުރި ޖޯލީގައި އިށީނދެ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އެ ކުއްޖާގެ ގައިގައި އަތްލި ހާދިސާއަކާއެވެ.
ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގައެވެ.









