Search Streamline Icon: https://streamlinehq.com

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ގަދައަށް ވިއްސާރަވެ ވައި ގަދަވާނެ: މެޓު

061 Vissara vaarey met office

ކުރިޔަށް އޮތް 24 ގަޑިއިރު ދިވެހިރާއްޖެއަށް ގަދަ ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ހާމަކުރެއެވެ.

މެޓުން ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި، ގަދަޔަށް ވައި ޖެހޭނެއެވެ. ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އުތުރުގެ އަތޮޅުތަކަށް ދެތިން ދުވަސްތެރޭ ވިއްސާރަ އަލިވި ނަމަވެސް، މެދު ރާއްޖެތެރެއަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، އުތުރާއި ދެކުނަށް މޫސުން އަލިކޮށްލާނެ ކަމަށް ލަފާ ކުރެވެނީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް މެދު ރާއްޖެތެރޭގެ މޫސުން އަލިވާނެ ކަމަށް ބެލެވެނީ ޑިސެންބަރު ތިންވަނަ ދުވަހުއެވެ.

މެޓުން ވަނީ މިއަދު 14:30 އިން ފެށިގެން 18:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލުގެ ދަށުން ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަން ފާހަގަކުރެއެވެ.

މި ވިއްސާރައިގެ މޫސުން ގޯސްވުމުގެ މައިގަނޑު ސަބަބަކީ އިންޑިއާ އާއި ސްރީ ލަންކާ ކައިރިން ބަންގާޅު ކަނޑުގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މެޓުން ބުނެއެވެ. މި ކޮޅިގަނޑުގެ ސީދާ ނޫން އަސަރު ދިވެހިރާއްޖެއަށް ދަނީ ކުރަމުންނެވެ. އިންޑިއާގެ އެކި ހިސާބުތަކަށް ވެސް މި ކޮޅިގަނޑުގެ ސަބަބުން ދަނީ ވިއްސާރަ ކުރަމުންނެވެ. ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ އިރު، ތޫފާން އަރާނެ ކަމަށް ލަފާކުރަނީ އިންޑިއާގެ ޓެމިލް ނާޑު އާއި ޕުންޑުޗަރީގެ ސަރަހައްދަށެވެ.

ބަންގާޅު ކަނޑުގައި އުފެދުނު ދެވަނަ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެ، އިންޑޮނޭޝިއާއަށް އަރައިފައެވެ. ނަމަވެސް މި ތޫފާން ދަނީ ރާއްޖެ ހިމެނޭ ސަރަހައްދާ ދުރަށް ކަމުން، މި ތޫފާނުގެ އަސަރެއް ރާއްޖެ، ލަންކާ އަދި އިންޑިއާއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *