ތޫފާން ”ޑިޓުވާ“ ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދިޔަ ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވިދާޅުވެއްޖެއެވެ.
މެޓުން ވިދާޅުވީ އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވެގެންދާނެ ކަމަށެވެ.
މެޓް އިން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގައެވެ. މި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރުހުޅަނގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ، އަދި އަންދްރާ ޕްރަދޭޝްގެ ދެކުނުގެ އައްސޭރިފަށާއި ދިމާއަށް ކަމަށާއި، މިއީ ރާއްޖެއާ ދުރަށް ދަތުރުކުރުން ކަމަށް މެޓް އިން ފާހަގަކުރެއެވެ.
މެޓް އިން ވިދާޅުވީ، މި ތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓް އޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަަހައްދަށް ތޫފާން ވަނުމުން ކަމަށެވެ.
ތޫފާން ޑިޓުވާގެ އަސަރު ލަންކާއަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 56 މީހަކު މަރުވެފައިވާއިރު، 21 މީހަކު ވަނީ ގެއްލިފައެވެ. ނަމަވެސް، ރާއްޖެއަށް ކުރިމަތިވަނީ ހަމައެކަނި ވިއްސާރަ މޫސުމެއް ކަމަށް މެޓް އިން ލަފާކުރެއެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމުގެ އުއްމީދު ވެސް މެޓް އިން ދަނީ ދެމުންނެވެ.









