ޞިއްޙަތަށް ނުރައްކާވާ މިންވަރަށް މާލެ ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކާފައިވާތީ އެޗްޕީއޭ އިން ރެޑް އެލާޓް ނެރެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކުރެއްވިގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގަ އެވެ. އެހެންކަމުން އެ ނިސްބަތަކީ އެއާކޮލީ އިންޑެކްސް އިން ބަލާނަމަ ރެޑް އެލާޓްގެ ލެވެލް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި އެއާކޮލިޓީ އިންޑެކްސް އިން ބަލާއިރު 150 އާއި 200 އާއި ދެމެދަކީ ރެޑް އެލާޓްގެ މިންވަރު ކަމަށްވެސް އެޗްޕީއޭއިން ހާމަކުރައްވައެވެ.
މި ހާލަތަކީ ”ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެނަށްވެސް ބޮޑު“ ހާލަތެއްކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދު ރެޑް އެލާޓުގައި އޮތް އިރު، މިހާލަތުގައި ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކުގެ އިތުރުން އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނާޒުކުރު ޙާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.









