Search Streamline Icon: https://streamlinehq.com

މިދިޔަ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން 128 ނޫސްވެރިން މަރާލާފައިވޭ

Killed Report Gaza

ނިމިދިޔަ 2025 ވަނަ އަހަރަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ތާރީޚުގައި ނޫސްވެރިންނަށް ނުރައްކާތެރި އަހަރަކަށް ވެގެން ގޮސްފިއެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 128 ނޫސްވެރިން ވަނީ މަރާލާފައެވެ.

އައިއެފްޖޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަރާލި ނޫސްވެރިންގެ ދެބައިކުޅަ އެއްބަޔަކީ މެދުއިރުމަތީގެ ގައުމުތަކުގައި މަސައްކަތް ކުރަމުންދިޔަ މީޑިއާ ޕްރޮފެޝަނަލުންނެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ ޣައްޒާގެ ހާލަތާ މެދު އެ ޖަމިއްޔާއިން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިދިޔަ އަހަރު އެކަނިވެސް 56 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

މިކަމާ ގުޅިގެން އައިއެފްޖޭގެ ޖެނެރަލް ސެކްރެޓަރީ އެންތޮނީ ބެލަންޖާ އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ނޫސްވެރިންނަށް އޮތް ”ގްލޯބަލް ރެޑް އެލާޓެއް“ ކަމަށެވެ. އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ކުޑަ ސަރަހައްދެއްގައި މިހާ ގިނަ އަދަދެއްގެ ނޫސްވެރިން މަރުވެފައިވާ މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ އިތުރުން ޔަމަން، ޔޫކްރޭން، ސޫދާން، ޕެރޫ އަދި އިންޑިއާ ފަދަ ގައުމުތަކަކީވެސް ނޫސްވެރިންނަށް ނުރައްކާ ބޮޑު ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ބެލަންޖާ އިތުރަށް ވިދާޅުވީ، ނޫސްވެރިންނަށް ހަމަލާދޭ ގާތިލުންނަށް އެއްވެސް އިންސާފެއްގެ ކުރިމައްޗަށް ނުގެނެވި، އެމީހުންނަށް އަދަބު ނުލިބި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ލިބިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނޫސްވެރިން މަރާލުމުގެ އިތުރުން، ނޫސްވެރިން ހައްޔަރުކުރުމުގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އައިއެފްޖޭގެ ރިޕޯޓުގައިވާ ގޮތުން މިވަގުތުވެސް ދުނިޔޭގެ އެކި ޖަލުތަކުގައި 533 ނޫސްވެރިން ބަންދުކޮށްފައި އެބަތިއްބެވެ. މިއީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. ނޫސްވެރިން އެންމެ ގިނައިން ޖަލަށްލާފައިވާ ގައުމަކީ ޗައިނާއެވެ. އެ ގައުމުގައި 143 ނޫސްވެރިން ބަންދުގައި އެބަތިއްބެވެ.

ނޫސްވެރިން މަރުވާ އަދަދުތަކާ ގުޅޭގޮތުން އެކި ޖަމިއްޔާތަކުގެ މެދުގައި ކުޑަ ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އައިއެފްޖޭގެ އަދަދު 128 ގައި ހުރިއިރު، ރިޕޯޓަރސް ވިތައުޓް ބޯޑާސްއިން ބުނަނީ މަސައްކަތުގެ ތެރޭގައި މަރުވީ 67 ނޫސްވެރިން ކަމަށެވެ. އަދި ޔުނެސްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދު އުޅެނީ 93 ގައެވެ. މި ތަފާތުތައް އަންނަނީ މަރުވާ ސަބަބުތައް ކަނޑައަޅާ މިންގަނޑުތަކުގެ ސަބަބުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *