މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖަނަވަރީ 01 ވަނަ ދުވަހު ޖުމްލަ 25 މަސްދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސްކިރުވާފައެވެ. އަދި މި ދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާ، އިއްޔެ ވަނީ ދޯނިފަހަރަށް ދައްކާފައެވެ. މިގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 1،508,161.16 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ސޯޅަ ލާރި) އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.









