ފުވައްމުލައް ސިޓީގައި ރޭ ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެ، އޭނާގެ ބޯ ފަޅާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ފުވައްމުލަކުގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ އިރުއޮއްސި 19:35 އެހާކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މާރާމާރީގައި އޭނާގެ ބޯ ފަޅައިގެން ދިއުމާ ގުޅިގެން، ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އެ ޒުވާނާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









