ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ލަނޑާއެކު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރަމުން އައި އިންތިޒާރު އިތުރުވެއްޖެއެވެ.
ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މި މެޗުން އޮޑި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެގެން ނިމުނުނަމަ، މާޒިޔާއަށް ބާކީ މެޗުތައް ނުކުޅެ ފަސްވަނަ ފަހަރަށް ލީގު ތަށި ކަށަވަރުވާނެއެވެ. ނަމަވެސް އޮޑިން ހޯދި މި މޮޅާއެކު، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް މިހާރު ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރު ކުރާށެވެ. އެ މެޗުން މޮޅުވެގެން މާޒިޔާއަށް ލީގު ތަށި އުފުލާލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
މެޗުގެ ތަފްސީލަށް ބަލާއިރު، މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އޮޑި ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ވެލެންސިއާއަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 12 ވަނަ މިނިޓުގައި ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ދެ މިނިޓު ފަހުން އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެލެންސިއާގެ މިސްރު ޑިފެންޑަރު އަބްދުލާތީ ބެސަލް މުހައްމަދު ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 80 ވަނަ މިނިޓުގައެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، އައިދު މުހައްމަދު ޖަވީޒް ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އޮޑި މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބުކޮށްދިނީ އާނިއު އަޓަންޑާއެވެ. އޭނާ މި ލަނޑު ޖެހީ ފުރިހަމަ އޯވާހެޑް ކިކަކުންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކުލަބު މިހާރު އޮތީ 15 މެޗުން 35 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް 15 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. މިއީ މި ސީޒަނުގެ ލީގުގައި ވެލެންސިއާ ބަލިވި 11 ވަނަ މެޗެވެ.
އޮޑިން މެޗުގެ ލީޑު ނެގީ 38 ވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 51 ވަނަ މިނިޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.










