މާޅޮސްމަޑުލު އުތުރުބުރި، މީދޫގައި ސަރުކާރުން ޢިމާރާތް ކުރުމަށް ހަމަޖެހިފައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، މީދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
މީދޫގައި ބިންގާއެޅިގެން މިދިޔަ ހޮސްޕިޓަލުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުގައި ވެސް ކުރިއަށް ގެންދާނެކަމަށް ބުނެ އިއުލާނުވެސްކުރައްވާފައިވާ މަޝްރޫއެކެވެ. ނަމަވެސް އޭރުގެ ސަރުކާރު ނިމިގެން ދިޔައީ މީދޫ ހޮސްޕިޓަލްގެ މަސައްކަތުގެ އަމަލީ މަސައްކަތެއް ނުފެށިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހުކޮޅުގައި އާރްޑީސީއާ މަސައްކަތް ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 135 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، އޭރު އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އުޅެނިކޮށް، ސަރުކާރުގެ ދައުރުހަމަވެގެން ދިއުމާއި ގުޅިގެން މި ސަރުކާރުން ވެސް މިދިޔަ އަހަރު ވަނީ މީދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް އާރުޑީސީއާއެކު އަނެއްކާ މުޅިން އައު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒަކުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.
މީދޫގައި ބިންގާ އެޅިގެން މިދިޔަ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެެއްގެ ގޮތުގައެވެ. އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލަކަށްވާއިރު އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ތަރައްޤީކުރާނެކަމަށްވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
މީދޫގައި ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް ބިންގާ އަޅާފައި މިވަނީ އާރުޑީސީއާއި އެކު މި ހޮސްޕިޓާ ޢީމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރެއްހާ ދުވަސްފަހުންނެވެ.










