ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް، ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށާއި އިރާދަކުރެއްވިއްޔާ ކާޑުގެ ބާވަތްތަކުގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދުމާއި ފުޑް ސެކިއުރިޓީ ސިޔާސަތު އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އެގޮތުން މިކަމުގައި އިންސެންޓިވްތައް ދީގެން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހިލޭ ބިން ދިނުމާއި، ޓެކުހަށް ލުއި ދިނުމަށް ވިސްނަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގްރޮސް ރިޒަރވް 1.2 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ދެމެހެއްޓޭ ކަމަށާއި ޔޫސަބަލް ރިޒަރވްވެސް 300 މިލިއަން ޑޮލަރަށް ވުރެ މަތީގައި ދެމެހެއްޓި އަދި ސުކޫކް ޕޭމަންޓް ދެއްކުމަށް ކުރިންވެސް ނިންމާފައިވާ ތާރީޚު ކަމަށްވާ 8 އޭޕްރިލް ގައި ދެއްކުމާމެދު އަދިވެސް ތަފާތެއް ނާންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކަކީ އެކިއެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދަވާ މަޝްރޫޢުތަކެއް ކަމަށާއި އެގޮތުން ބޭރުގެ ހިލޭ އެހީއާއި ބޭރުގެ ލޯނު ފެސިލިޓީތަކުގެ އެހީގައި އަދި ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.








