Search Streamline Icon: https://streamlinehq.com

ފަހުގެ

މިލަންދޫ ގެއަކުން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށް، އިތުރު ވައްކަމެއްގައި ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައިފި

Milandhoo vagun

ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް އަދި އިތުރު ވައްކަމެއްގައި ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން، އެޕްރީލް 21 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ އާއި، ށ. މިލަންދޫ، މުޙައްމަދު ޝިފާއު (29އ) ކަމުގައެވެ. އެ މީހުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއަކާއި، 240 އެމެރިކާ ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއްގެ އިތުރުން ހަ ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތައް ހިމެނެއެވެ. ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ވައްކަން ހިނގީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެކެވެ. ވެރިފަރާތުން ބުނާ ގޮތުގައި އެ ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.

ފުލުހުންގެ ތަހުގީގުގައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500 ރުފިޔާއަށް ވިއްކާލާފައިވާކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން، ފުލުހުން އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ވަނީ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި