Search Streamline Icon: https://streamlinehq.com

ފަހުގެ

އެމްޕީއެލްގެ ޑެޕިިއުޓީ ސީއީއޯއަކަށް ލައްމާނު

Lammaan

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށާއި ޑެޕިއުޓީ ސީއީއޯގެ މަގާމަށް ލަމްއާން އައްޔަންކުރީ އެ ކުންފުނީގެ ބޯޑުގައި ކުރިން އިންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކުރުމަށް ފަހުގައި ކަމަށެވެ.

ލަމްއާން އެމްޕީއެލްގެ މުހިންމު މަގާމަކަށް އައްޔަންކުރެއްވިއިރު، އޭނާ މީގެކުރިން ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމު ފުރުއްވަމުން ގެންދެވި ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ކުންފުނިތައް ހިންގުމުގެ ދާއިރާގައި ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ ލަމްއާނަކީ މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި، މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ އިތުރުން ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ މިހާރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަންވެސް މެއެވެ.

ޔުނިވަސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ލަމްއާނަކީ ކޯޕަރޭޓް ގަވަނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑަޝިޕްގެ ދާއިރާއިން ފަންނީ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ، ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، އެމްޕީއެލްގެ އޮޕަރޭޝަނަލް ލެވެލްގެ މި މަގާމަށް ލަމްއާން އައްޔަންކުރުމާއެކު، ކުންފުނީގެ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި