Search Streamline Icon: https://streamlinehq.com

ފަހުގެ

ޔޫއޭއީއަށް އީރާނުން ޖެހިޖެހިގެން ދެވަނަ ދުވަހު ހަމަލާތަކެއް ދީފި ކަމަށް ބުނެފި

Screenshot 2026 05 05 at 10.07.06 AM

އެކުވެރި އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އީރާނުގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޖެހިޖެހިގެން ދެވަނަ ދުވަހު ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ޔޫއޭއީއާ ދެކޮޅަށް އެއްވެސް ކަހަލަ މިސައިލް ނުވަތަ ޑްރޯން އޮޕަރޭޝަނެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ހަމަލާއެއް ދީފައިވާނަމަ އެކަން ސާފުކޮށް އިއުލާނު ކުރާނެ ކަމަށާއި، ޔޫއޭއީގެ ޑިފެންސް މިނިސްޓްރީގެ ރިޕޯޓަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އީރާނުން ބުނެއެވެ.

ޔޫއޭއީން ބުނާ ގޮތުގައި އިއްޔެ  މި ހަމަލާ ދީފައިވަނީ، އޭގެ ކުރީ ދުވަހު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، ފުޖައިރާގައި ހުންނަ ތެޔޮ ރައްކާކުރާ މުހިންމު މަރުކަޒެއްގައި ރޯވި އަލިފާންގަނޑެއް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދަނިކޮށެވެ. އަންގާރަ ދުވަހުގެ ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މި ކުރިމަތިލުންތައް އިތުރުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް އެމެރިކާއިން ”ޕްރޮޖެކްޓް ފްރީޑަމް“ ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު ފެށި އޮޕަރޭޝަނާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ހަކަތައިގެ އެކްސްޕޯޓްގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، އީރާނުގެ ހުއްދަނެތި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދަނީ ހަމަލާދެމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި ހަފްތާގެ ހޯމަ ދުވަހު އީރާނުން ޔޫއޭއީއަށް ފޮނުވާލި 15 މިސައިލްގެ ތެރެއިން ގިނަ މިސައިލްތައް ޔޫއޭއީގެ ދިފާއީ ނިޒާމުން ހުއްޓުވި ނަމަވެސް، ފުޖައިރާގެ ތެޔޮ ޓާމިނަލްގައި ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ފުޖައިރާއަކީ ހޮރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓް ކުރުމަށް ޔޫއޭއީއަށް އޮތް އެންމެ މުހިންމު ބަނދަރެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރަނީ ވިޔަފާރި އުޅަނދުފަހަރު ހިމާޔަތްކުރުމަށް ކަމަށާއި، ހަނގުރާމައަކަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އީރާނުން މިހާތަނަށް ސެސެފަޔަރ ނުވަތަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭޕްރީލް 8 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން ހިނގި ފަސް ހަފްތާގެ ހަނގުރާމައިގައި، ގަލްފުގެ އެހެން ގައުމުތަކަށްވުރެ ގިނައިން ޔޫއޭއީއަށް ހަމަލާތައް އަމާޒުވެފައިވެއެވެ. އެ މުއްދަތުގައި 2،800 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ޔޫއޭއީއަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި