އެއްމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަކަށް މި ސަރުކާރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ފޯރިގަދަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ޕީއެންސީން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައިވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ މި ސަރުކާރުވެގެންދާނީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށްކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީީ މީގެ ކުރީގެ ސަރުކާރުތަކުުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ އިންތިޚާބުތައް ބޯމަތިވުމުން ކަމުގައެވެ. މިކަމަކީ ފެންނަން އޮތް ޙަޤީގަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުތައް ބޯމަތިވުމުން ބިންގާ އަޅާ މަސައްކަތް ފައްޓަވާކަމަށާއި، އިންތިޚާބު ނިމޭއިރުގައި އެތަންތަނަށް މީހުންނަށް ނުވަދެވޭކަމަށާއި، ވޭތުވެދިޔަ ދެ ސަރުކާރުގައި ވެސް ކަންކަން ކޮށްފައި އޮތީ މިގޮތަށް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ނަތީޖާއަކަށް ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަށް މި ސަރުކާރު ވެގެން ދިއުންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި އެކަން ބަދަލު ކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަހަށް ނިންމައި ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ކުރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ނަމަވެސް އެކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕީއެންސީގެ ސަރުކާރުން އެންމެ ޚާއްޞަ އެއް ސިޔާސަތު ކަމުގައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ފެށިގެން މިހާރުވެސް ކުރިއަށްދާކަމުގައެވެ.









