އަމީނީމަގު މަރާމާތުކޮށް އަލުން ތާރުއެޅުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ދެވަނަ ސެގްމެންޓްގައި ތާރު އެޅުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި އަމީނީ މަގު މަރާމާތުކޮށް ތަރައްޤިކުރުމުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ސެގްމެންޓްތަކަކަށް ބަހާލައިގެން އެމްޓީސީސީން ފަށާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. އެގޮތުން، ފުރަތަމަ ސެގްމެންޓްގެ ގޮތުގައި ހިމެނޭ އިއްޒުއްދީން މަގު (ދިވެހިރާއްޖޭގެ އަޑު ކުރިމަތި)ން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އަޅައި ނިންމާލާފައިވަނީ މި ހިނގާ މަހުގެ 22 ވަނަ ދުވަހުއެވެ.
މި މަގުގެ ދެވަނަ ސެގްމަންޓުގެ ގޮތުގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން ސަރަހައްދުގެ މަސައްކަތް ވަގުތުން ފަށައި، ރޭގެ ވަގުތެއްގައި އެ ސަރަހައްދުގައިވެސް ތާރު އަޅުމުގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، ދެވަނަ ސެގްމެންޓްގެ މަސައްކަތް ނިމުމާއެކު ރައްޔިތުންގެ ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ސިޓީގެ އެކި ސަރަހައްދުތައް ފަސޭހަކަމާއެކު ގުޅާލުމަށް މަގުފަހިވެގެންދާނެ މުހިންމު ކަމެއްކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އަމީނީމަގު މަރާމާތުކޮށް ތާރުއެޅުމުގެ އިތުރުން، މި ސަރަހައްދުގައި ހިމެނޭ ބަސް ހުއްޓިތަކުގެ ޕޭވްމަންޓް ޑިޒައިނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަމީނީ މަގުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަހައްދުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ނިމިދިޔަ ސަރުކާރުގައި 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށް، މުޅި މަޝްރޫއު ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަގުގެ ފެންވަރު ރަނގަޅުކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ އަލުން މަރާމާތުގެ މަސައްކަތްތައް ފަށާފައެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރައްވައެވެ.









