މޮޑާނާ އަދި ފައިޒަރ ކޯވިޑް ވެކްސިން ޖެހުމުން ހިތް ދުޅަވުމުގެ ރިސްކު އޮތްކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA)އިން ހާމަކޮށްފިއެވެ.
އެފް.ޑީ.އޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނާގޮތުން މިވެކްސިންތަކުގެ ދެވަނަ ޑޯޒު ޖެހުމަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިތް ދުޅަވުން ހިމެނޭކަމަށެވެ. ހިތް ދުޅަވުމޭ މިބުނެވެނީ ހިތުގެ ވަށައިގެންވާ ޓިޝޫތަކާއި މަސްތައް ދުޅަވުމަށެވެ.
އެފް.ޑީ.އޭ ގެ ރިޕޯޓުގައި ވާގޮތުން މިދެވައްތަރުގެ ވެކްސިން ޖެހުމުން ދިމާވާ އުދަގޫތަށް މުރާޖާކޮށް، އެމެރިކާގެ ސެންޓަރ ފޯރ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC)ގެ އެޑްވައިޒަރީ ކޮމިޓީން އޮން އިމުނިޒޭޝަން ޕްރެކްޓިސެސްގެ ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
އަދި މިމަހުގެ ފުރަތަމަ ދެހަފްތާ ތެރޭގައި މިވެކްސިންތައް ޖެހި ފަރާތްތަކުގެ ތެރެއިން 1200 ފަރާތަކުން، އެމެރިކާގެ ވެކްސިން އެޑްވާސް އިވެންޓް ރިޕޯރޓިން ސިސްޓަމަށް، ހިތް ދުޅަވުމުގެ މައްސަލަ ކުރިމަތިވެގެން ރިޕޯޓު ކޮށްފައިވެއެވެ.
މޮޑާނާ އަދި ފައިޒަރގެ ވެކްސިންގެ އިންޒާރުގެ ނޯޓިސް އަލުން މުރާޖައާ ކުރުމާގުޅޭގޮތުން މޮޑާނާ އަދި ފައިޒާއިން އެއްވެސް ކޮމެންޓެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.









