Search Streamline Icon: https://streamlinehq.com

ކަޝްމީރު މީގެ 10 އަހަރު ކުރިން އޮންނަނީ ސީރިއާގަތޯ؟

IMG 20210702

ސީރިޔާއަށް ހަނގުރާމައަށް ޢަލީ ރަމީޒު މީހުން ފޮނުވާ ކަމަށާއި، އަދި ޖިހާދު ކުރުމަށް ތަމްރީނު ކުރުމަށް މީހުން ފޮނުވާ ކަމަށް ތުހުމަތުކޮށް ދާދި ފަހުން ވަނީ ވާހަކަތަކެއް ދެކެވެން ފަށާފައެވެ. މިވާހަކަތައް ދޮގުކޮށް ޖަމިއްޔަތުއް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ ޢަލީ ރަމީޒް ބުނެފައި ވަނީ، އޭނާއަކީ ސީރިޔާއަށާއި އެހެން ޤައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ މީހެއް ނޫން ކަމަށާއި، ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

ޖަމިއްޔަތުއް ސަލަފުން ގެނެސްދިން ޕްރޮގްރާމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރި ނަމަވެސް، އެއާއި ވިއްދައި ޓްވިޓާއާއި އެހެން ސޯޝަލް މީޑިއާތަކުގައި އެކި ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކޮށްފައިވާ ޓްވީޓެވެ.

ނާޒިމް ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ، މީހުން ޖިހާދަށް ނުފޮނުވާ ކަމަށް ޢަލީ ރަމީޒު ބުނާއިރު ސީރިޔާގައި އެމީހުން މަރުވުމުން އެކަމުގެ އުފާވެރި ކަމުގެ ޚަބަރު ދޭން ގޭގެއަށް ހިނގަނީ ޢަލީ ރަމީޒު ކަމަށެވެ. އަދި އެއީ ދެން ކޮން ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ.

ނާޒިމްގެ މި ޓްވީޓަށް ރައްދުދީ ”ހެކި ކޮބާތޯ“ ނޫސްވެރިއަކު ސުވާލު ކޮށްފައިވެއެވެ. އެސުވާލުގެ ޖަވާބުގައި އޭނާ ބުނެފައި ވަނީ މީގެ 10 އަހަރު ކުރިން ތ. ގާދިއްފުށީ ކުއްޖަކު ސީރިޔާގަ މަރުވުމުން ޢަލީ ރަމީޒު އާއިލާއާއި ބައްދަލުކޮށް އުފާވެރި ކަމުގެ ޚަބަރު ދިންކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އެހާހިސާބުން ނޫސްވެރިޔާވެސް ދޫކޮށްލީކީ ނޫނެވެ. އެއާއިލާއާއި ގުޅޭނެ ނަމްބަރެއް ލިބިދާނެތޯ އެދުނެވެ. ޖަވާބުގައި ޗެކް ކޮއްލާނަމޭ ބުނުމައްފަހު ހަމަ އެޓްވީޓަށް ޖަވާބުދީ ތ. ގާދިއްފުށީ ކުއްޖެއްގެ ނަމާއެކު އެއީ 2007 ގައި ކަޝްމީރުގައި މަރުވެފައިވާ ކުއްޖެއް ކަމަށް ބުނެ ޓްވީޓް ކުރިއެވެ. ލަހެއްފަހެއް ނުވެ ނޫސްވެރިޔާ ދެން ކުރި ސުވާލަކީ ”ކަޝްމީރު މީގެ 10 އަހަރު ކުރިން އޮންނަނީ ސީރިއާގަތޯއެވެ؟“

މިސުވާލަށް ޖަވާބު ނުދެވުނުނަމަވެސް ޢަލީ ރަމީޒަށް ކުރާ ތުހުމަތުތައް ހުއްޓައެއް ނުލައެވެ. ކޮންމެއަކަސް ސީރިއާއަށް ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި އަދި ޖިހާދު ކުރަން ދާން ޖަމިއްޔަތުއް ސަލަފްއިން ފަންޑު ކުރާ ވާހަކައަކީ ދުވަސްދުވަސްކޮޅުން ދައްކާ ވާހަކައެކެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި އަދި އެފަދަ އެއްވެސް ތުހުމަތެއް ސާބިތު ކޮށްދީފައި، ނުވަތަ އެތުހުމަތުތަކަށް ބާރު ލިބޭނެ ހެއްކެއްވެސް ދެއްކިފައެއް ނުވެއެވެ. ޚައްސަކޮށް ޢަލީ ރަމީޒަށް މިފަދަ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

ދީނީ ކަންކަމުގައި މީހުން ހޭލުންތެރިކުރުމާއި، ދީނީ ކަންކަމުގައި މީހުންނަށް އެހީތެރިވެދެއްވަމުން ގެންދަވާ ޢަލީ ރަމީޒު އަކީ އިސްލާމްދީނާއި ގުޅޭ މުހިންމު ގިނަ ޕްރޮގުރާމްތަކެއް ރޭޑިއޯއާއި ޓީވީގެ އިތުރުން ޔޫޓިއުބް މެދުވެރިކޮށް ހުށައަޅުއްވައިދެއްވަމުން ގެންދަވާ ހުނަރުވެރި ބޭފުޅެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *