ސީރިޔާ ސަރުކާރުން ސީރިޔާގެ އިދްލިބްއަށް ދިން ހަމަލާތަކުގައި 6 ކުޑަކުދިން ޝަހީދު ވެއްޖެއެވެ. މިފަހަރު ޙަމަލާ ދީފައި ވަނީ އިދްލިބްގައި ސީރިޔާ ސަރުކާރާއި ދެކޮޅު އެންމެ ގިނަ މީހުން ދިރިއުޅޭ ހިސާބަކަށެވެ. އަދި މި ޙަމަލާގައި 6 ކުޑަކުދިންނާއެކު ޖުމްލަ 8 މީހުން ވަނީ ޝަހީދުވެފައެވެ.
އިދްލިބްގެ ދެކުނުގައި އޮންނަ ޖަބަލް އަލްޒާވިޔާއަށް ހޮނިހުރު ދުވަހު ހެނދުނު ދިން މި ޙަމަލާގައި އިތުރު 16 މީހަކު ޒަޚަމް ވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއާއި ހަވާލާދީ ބޭރުގެ ނޫހެއްކަމުގައިވާ އަލްއަރަބިއްޔާގައި ބުނެފައިވެއެވެ. މި ޙަމަލާގައި އިބްލިން އަވަށުން އެއް އާއިލާއެއްގެ 5 މެމްބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. އެއީ ދެމަފިރިންނާއި 3 ކުދިންނެވެ. އަދި ބަލްޝުން އަވަށުން އިތުރު ކުއްޖަކު ވަނީ ޝަހީދު ކޮށްލާފައެވެ.
މިއީ ބައިނަލްއަޤްވާމީ ޕްރެޝަރުގެ ސަބަބުން މާރޗް 2020 ގައި ޙަމަލާތައް ހުއްޓާލުމަށް ސީރިޔާ ސަރުކާރުން އެއްބަސްވި ފަހުން އެމީހުން އެއްބަސްވުމާއި ޚިލާފްވެ ދިން ޙަމަލާއެއްގައި އެންމެ ގިނައިން މީހުން ޝަހީދުވި ފަހަރެވެ. 2011 ގައި ސީރިޔާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ދާޚިލީ ހަނގުރާމައެއް ފެށި ފަހުން 500،000 އަށް ވުރެ ގިނަ މީޙުން ވަނީ ޝަހީދު ވެފައެވެ.









