ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށްދޭ އިތުރު ލުއިތައް މިއަދު އިޢުލާނު ކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށްދޭ އިތުރު ލުއިތައް އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 14:30 ގައި ނޫސްވެރިނަށް ބާއްވާ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގުއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ރައްކާތެރިކަމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަކި ވަގުތުތަކެއްގައި ކާފިއު ހިންގުމާއި އަދި ކާފިއުނޫން ވަގުތުތަކުގައި ކޮންމެ ގެއަކުން ހުއްދަ ދެވިފައިވާ 2 ފަރާތަކަށް މެނުވީ ބޭރަށް ނުދެވޭ ގޮތަށް ކަނޑައެޅުމާއި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވުމާއި އަދި ކެފޭ ރެސްޓޯރެންޓްތަކުން އެތެރޭގައި ޚިދުމަތް ދިނުން ހުއްޓުވުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ކޮވިޑްއަށް ފައްސިވާ މީހުން މިވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 105 މީހުންނެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ފައްސިވެފައި ވަނީ 23 މީހުންނެވެ.
ފައްސިވާ ކޭސްތައް މަދުވުމުން ޖުލައި 1 ން ފެށިގެން ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވެއެވެ. އޭގެތެރޭގައި ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާ ގަނޑި ޖުލައި 1 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8 އިން ފަތިހު 4އަކަށް ކުރު ކުރުމާއި، އެނޫން ގަޑިތަކުގައި ފާހަކާ ނުލައި ބޭރުގައި އުޅެވޭނެ ގޮތަށް ލުއި ދިނުމާއި، ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އެތެރޭގައި ތިބެ ކެއިންބުއިމުގެ ޚިދުމަތް ދެވޭނެގޮތަށް ހުޅުވައިލުމާއި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވައިލުން ފަދަ ލުއިތައް ހިމެނެއެވެ.









