އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވާފައިވަނީ ގަލޮޅު އައިފަ، ޙުސައިން ނިޔާޒް އެވެ. އެ މަޤާމަށް ނިޔާޒް ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅުވެސް ވަނީ މިއަދު ދެއްވައިފިއެވެ.
ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ޙުސައިން ނިޔާޒީ ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.


ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.
ޙުސައިން ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަޤާމުވެސް ހިމެނެއެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަޤާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.










