މިސްރު ސަރުކާރުން ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސިޔާސީ ޕާޓީ ”މުސްލިމް ބްރަދަހުޑް“ ގެ އިސް ވެރިޔާ ހިމެނޭހެން އެގްރޫޕްގެ 10 ލީޑަރުން އުމުރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އެޤައުމުގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފިއެވެ.
މިސްރުގެ ރަސްމީ ނޫސް މީޑިއާ މިނާއިން ބަޔާން ކޮށްފައިވާ ގޮތުގައި، 2011 ގައި ހިންގި ހަމަނުޖެހުން ތަކުގައި ފުލުހުންނަށް ޙަމަލާދީ މެރުމާއި، ޖަލުތައް ފަޅައި ޖަލުތަކުން ޤައިދީން ދޫކުރުމުގެ ކުށް އެ 10 މީހުންނަށްވެސް ސާބިތުވާކަމަށް 2019 ގައި މިސްރުގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ. ޙުކުމްކުރި މީހުންގެ ތެރޭގައި މުސްލިމް ބްރަދަހުޑްގެ އިސް ލީޑަރު މުޙައްމަދު ބަދީވެސް ހިމެނެއެވެ. 2011 ގެ މި ހަމަނުޖެހުމުގައި މިސްރުގެ އެއިރުގެ ރައީސް ޙުސްނީ މުބާރަކް ވަނީ މަޤާމުން ދުރުކޮށްފައެވެ.
މުސްލިމް ބްރަދަހުޑްގެ 10 ލީޑަރުންގެ މައްޗަށް ކޮށްފައިވަނީ 20،000 ޤައިދީން ފިލަން މަގުފަހި ކުރުމުގެ ދަޢުވާއާއި ބޭރުގެ މިލިޓަރީ ޖަމާޢަތްތަކާއި ގުޅިގެން މިސްރުގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ދަޢުވާއެވެ. މިދަޢުވާގައި ބޭރުގެ މިލިޓަރީ ޖަމާޢަތުގެ ގޮތުގައި ނިސްބަތް ކޮށްފައި ވަނީ ފަލަސްތީންގެ ޙަމާސްއާއި ލުބްނާންގެ ހިޒްބުﷲ ޖަމާޢަތަށެވެ.
2013 ގައި މިސްރުގައި ފުރަތަމަ ފަހަރަށް ދިމުކްރާތީ އުސޫލުން އިންތިޚާބްވި ރައީސް ރައީސް މުޙައްމަރު މުރްސީގެ ވެރިކަން އަސްކަރިއްޔާއިން ވަނީ ވައްޓާލާފައެވެ. އަދި އޭނާ ނިސްބަތްވާ ޕާޓީ މުސްލިމް ބްރަދަހުޑްއަކީ ނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައަޅައި، އެޕާޓީގެ އިސް ލީޑަރުންނާއި އާންމު ބައެއް މެމްބަރުން ވެސް ކޯޓަށް ހާޒިރުކޮށް، އެމީހުންގެ މައްޗަށް ވަނީ އެތައް ދަޢުވާއެއް ކޮށްފައެވެ. 2013 އިން ފެށިގެން އޭގެން ބައެއް ލީޑަރުންނާއި މެމްބަރުންގެ ޝަރީއަތްތައް އަންނަނީ ބާއްވަމުންނެވެ.
ރައީސް މުރްސީގެ އެއް އަހަރުގެ ވެރިކަމުގައި ވެސް ސިޔާސީ ބައިބައިވުންތައް އުފެދި، އޭނާއާއި ދެކޮޅަށް އެތައް ބަޔަކު ވަނީ ނިކުމެ މުޒާހަރާތައް ކޮށްފައެވެ. 2013 ގެ ހަމަނުހެހުން ތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް، އަދި އެތައް ބަޔަކު ވަނީ މިސްރު ދޫކޮށް ގޮސްފައެވެ.









