ރާއްޖޭގައި ކޮވިޑް19 އަށް ފައްސިވާ މީހުންގެ އަދަދުތައް އަނެއްކާވެސް މަތިވާން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިރޭ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ރާއްޖެއިން 91 މީހުން ފައްސި ވެފައިވާއިރު، ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއިން ފައްސި ވެފައި ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެ، 170 މީހުންނެވެ.
އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސި ވެފައިވާ 19 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ފައްސި ވެފައިވާ 78 މީހުންނެވެ. މީގެ އިތުރުން މިހާރު ހިންގަމުންދާ ރިސޯޓުތަކުން 7 މީހުންނާއި، ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ބޯޓުތަކުން ވެސް އެކަކު ފައްސި ވެފައިވާ ކަމަށް އެޗް.ޕީ.އޭގެ ހިސާބުތަކުން ދައްކައެވެ. އަދި މިހާރު ތަރައްގީ ކުރަމުން އަންނަ ބައެއް ރަށްރަށުން 60 މީހުންނާއި ސިނާއީ ރަށްރަށުން 5 މީހުންވެސް ވަނީ ފައްސި ވެފައެވެ.
އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރު އޮއްސި 6:00 އާއި ހަމައަށް ނަގާފައި ވަނީ ޖުމްލަ 6،750 ސާމްޕަލްއެވެ.
މިހާތަނަށް މުޅި ރާއްޖޭގެ ކޮވިޑް ހާލަތައް ބަލައިލާއިރު، ރާއްޖޭގައި މިވަގުތު ކޮވިޑް19 އަށް ފަރުވާ ހޯދަމުންދާ 2،537 މީހުން އެބަތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މިހާތަނަށް ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދު 75،332 އަށް އަރާފައި ވާއިރު 72،569 މީހުން ވަނީ މިބަލިން ރަނގަޅު ވެފައެވެ.
ކޮވިޑް19ގައި ރާއްޖެއިން ނިޔާވެފައި ވަނީ 214 މީހުންނެވެ.










