ޢުމުރުން އެންމެ 6 އަހަރުގެ ކުއްޖަކު ކީރިތި ޤުރުއާން ހިތުދަސްކުރި ކުއްޖަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައްދަލުކުރައްވައިފިއެވެ.
އުމުރުން އެންމެ 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވަނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ބ. ހިތާދޫ، ޑެއިޒީމާގެ، އަމަން އަޙްމަދު ޢާޠިފް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރި އަމަން އަޙްމަދު ޢާޠިފަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ. މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރީތީ އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، އަމަންގެ މަންމަ، ލުބާނާ މުޙައްމަދަށާއި ބައްޕަ އަޙްމަދު އާޠިފަށްވެސް، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުޤުވެރިވިގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކަށް އަމަން ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔައިދިނެވެ.
އަމަން އަޙްމަދު ޢާޠިފް، ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން، މި ބައްދަލުކުރެއްވުމުގައި، އަމަންއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އަމަންގެ މަންމަ ލުބާނާ މުޙައްމަދާއި، ބައްޕަ އަޙްމަދު އާޠިފް ދެއްކެވި ވާހަކައިގައި، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރެއްވިއެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.
އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ޙާފިޡު ކަމުގެ އިމްތިޙާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯރ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި قرآن ، އިސްލާމް، ޢަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.









