ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުންދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އައުކޮށްފިއެވެ.
އިންޑިޔާގެ ނިއުދިއްލީގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިއެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރެވެ.
17 މާރޗް 2019 ވަނައަހަރު އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެއބަސްވުމުގައި އިންޑިޔާއިން ރާއްޖެއަށް ދީފައިވަނީ 85 މިލިއަން ރުފިޔާގެ އެހީއެވެ. އެހެންނަމަވެސް އެއްބަސްވުން އައުކޮށް އިންޑިޔާއިން ދެމުންދިޔަ އެހީގެ އަދަދު މިވަނީ 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުކޮށްފައެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގެ ބޭނުމަކީ މުޖްތަމައަށް އޭގެއިން އިޤްތިޞާދީ އަދި އިޖްތިމާޢީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ. އެގޮތުން އިންޑިޔާއިން ރާއްޖެއަށް ދީފައިވާ 85 މިލިއަން ރުފިޔާއިން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ. އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ މަޝްރޫއެވެ.









