ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ނުދިނުމުގެ ސަބަބުން ނެދަލޭންޑުގައި ޓިކްޓޮކް ޖޫރިމަނާ ކޮށްފިއެވެ.
އެޤައުމުގައި ވާހަކަދައްކާ ޑަޗް ބަހުން ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ކިޔޭގޮތަށް ހަދައިދިނުމަށް އެދުމުންވެސް އެކަން ނުކުރުމުން 750000 ޔޫރޯއިން ޓިކްޓޮކް ޖޫރިމަނާކުރީކަމަށް ނެދަލޭންޑްސްގެ ޑާޓާ ޕްރޮޓެކްޝަން އިދާރާއާ ހަވާލާދީ އެޤައުމުގެ މީޑިޔާތަކުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޤައުމުގެ ގިނަ ކުދިންނަށް އިގިރޭސި ބަހުން ލިޔެފަ ހުންނަ އެއްޗެހި ރަނގަޅަށް ކިޔަން ނޭގޭ ކަމަށާއި ޓިކްޓޮކް އެޕް ބޭނުންކުރަންޖެހޭ ގޮތުގެ ތަފްސީލު އެގެންޖެހޭ ކަމަށް އެއިދާރާއިން ފާހަގަކޮށްފައިވެއެވެ.
”ޓިކްޓޮކް އެޕް ބޭނުންކުރާ މީހުންނާ ބެހޭ އަމިއްލަ މައުލޫމާތު ބޭނުންކުރާ ގޮތުގެ ތަފްސީލެއް ޓިކްޓޮކަކުން ނުދޭ. މިގައުމުގެ ޕްރައިވެސީ ގާނޫނު ބުނާގޮތުން އެމީހުންގެ އަމިއްލަ މައުލޫމާތާ މެދު ކަންތައް ކުރާގޮތުގެ ތަފްސީލް އެމީހުންނަށް އެނގެންޖެހޭ،“ އެގައުމުގެ ޑާޓާ ޕްރޮޓެކްޝަން އިދާރާއިން ބުންޏެވެ.
ޓިކްޓޮކް ބޭނުންކުރާ އުމުރުން ހަގު ކުދިންނަށް ފަސޭހައިން ބަލާލެވޭނެ ކުރު ޕްރައިވެސީ ޕޮލިސީއެއް ޖުލައި 2020 ގައި ތައާރަފުކޮށްފައި ވާނެކަމަށާއި ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ޑައިރެކްޓް މެސެޖް ނުކުރެވޭ ގޮތަށް ހަދާފައިވާނެކަމަށް ޓިކްޓޮކްއިން ވަނީ ބުނެފައެވެ.
ނެދަލޭންޑްސްއިން ޓިކްޓޮކް ޖޫރިމަނާކޮށްފައިވީ ނަމަވެސް އެ ކުންފުނިން ޖޫރިމަނާ ނުދައްކާނެކަމަށް ބުނެ ޓިކްޓޮކުންވަނީ ދެކޮޅުހަދާފައެވެ.









