މާލޭގެ ރައްޔިތުންނާއި މިރެއިން ފެށިގެން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ މަޝްވަރާގެ މަތީން ކަންކަން ކުރުމަކީ ސިޓީ ކައުންސިލްގެ ވިސްނުންކަމަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުން ނުބޭއްވި ދުވަސްތަކެއް ދިއުމަށްފަހު ދީފައިވާ ލުއިތަކާއިއެކު މިރެއިން ފެށިގެން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކޮންމެ އަވަށެއްގައިވެސް ވަކިން ބައްދަލުވުން ބޭއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝަވްރާ ހޯދުންކަމަށާއި މިބައްދަލުވުންތަކުގެ ފައިދާ މާލެ ސިޓީގެ ރައްޔިތުން ވީހާވެސް ފުޅާދާއިރާއެއްގައި ނެގުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ކަމަށްވާ ޕާކިންގެ މައްސަލަތަކާއި، ބިން ބޭނުންކުރުމުގައި ރައްޔިތުންގެ ވިސްނުން ހުރިގޮތާއި، އެނޫންވެސް ގިނަ މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތައް ބޭއްވޭނެ ތާރީޚާއި، ތަން މުއިއްޒުވަނީ ހިއްސާކޮށްފައެވެ.
ބާއިންޖީނުގޭ ހުރި ބިމުގައި ތަރައްޤީ ކޮށްފައިވާ ޕާކު ތެރޭގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ގަލޮޅުގެ ރައްޔިތުންނަށް ހާއްސަކުރެވިފައިވީނަމަވެސް މާލޭގެ ހުރިހާ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.









