ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ދެމުންދާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް އޭދަފުށިގައި ދިރުއުޅޭ އާބާދީގެ 97 ޕަސެންޓް މީހުން ފުރިހަމަކޮށްފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ހެލްތު ސަރވިސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ބ. ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވީ އޭދަފުށީގައި ވެކްސިން ދެވޭ އާބާދީގެ 97 އިންސައްތަ މީހުން ދެޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި މިއީ މުޅި އޭދަފުއްޓަށް ލިބުނު ކާމިޔާބީއަކާއި ޝަރަފެެއް ކަމުގައެވެ.
މި ނަތީޖާއާއި ހަމައަށް އާދެވުނީ ރައްޔިތުންގެ ހޭލުންތެރިކަމާއިއެކު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭދަފުށީ ރައްޔިތުންގެ ގޮތުގައި މާލެއާއި އެހެނިހެން ރަށްރަށުގައި ދިރިއުޅޭ މީހުންނާއި އެކު ބެލިކަމުގައި ވިޔަސް މިހާތަނަށް 67 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އަމާޒަކީ އޭދަފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ދެވޭ އާބާދީ އަށް ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ވެކްސިން ޖަހައި ނިންމާ ރަށްތަކުގެ ތެރޭގައި ހިމެނުމެވެ.









