Search Streamline Icon: https://streamlinehq.com

ގާފަރު ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް މަސައްކަތްކުރާނަން: ނާއިބު ރައީސް ފައިސަލް ނަސީމް

Gaafaru

ގާފަރު ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިހެން ވިދާޅުވީ މާލެ އަތޮޅު ގާފަރު ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުން ގާފަރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސްގެ އަރިހުގައި ދެންނެވުމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ގާފަރު ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ގާފަރު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރެވެންހުރިކަންކަން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަންވެސް ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައިހިންގުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *