އިޓަލީގައި ދިރިއުޅެމުން ދިޔަ ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އިޓަލީގައި މަރާލާފައިވާ ދިވެއްސަކީ އިޓަލީވިލާތުގެ އަންހެނަކާ ކައިވެނިކޮށްގެން އެ ޤައުމުގައި ދިރިއުޅެމުންދިއަ ހދ.އަތޮޅަށް ނިސްބަތްވާ ދިވެއްސެކެވެ.
ހދ.ނޮޅިވަރަންފަރު، ވައިމަތީގެ، މަހްމޫދު އިމާދު (44އ) އިޓަލީގައި މަރާލާފައިވަނީ އޭނާއަށް އެކިވަރުގެ އަނިޔާތައް ދިނުމަށް ފަހުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަޙްމޫދު އިމާދުގެ އާއިލާއާ ޙަވާލާދީ “ސަން އޮންލައިން”ގައި ރިޕޯޓްކޮށްފައިވާގޮތުގައި މަހްމޫދު އިމާދުގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގޯތިތެރޭގައި ދަންޖައްސާފައި ހުއްޓައެވެ. އަދި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
އޭނާގެ އަންހެނުންނާއި، ބަފައިބެ މިވަގުތު ހުރީ ގެސްޓްހައުސްއެއް ހުޅުވުމުގެ މަސައްކަތްކުރުމަށް ގޮސް ހދ. ނޮޅިވަރަންފަރުގަ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގެ ތަފްޞީލީ މަޢުލޫމާތެއް އަދި ލިބިލައްވާފައި ނުވާކަމުގަ އެވެ. ނަމަވެސް ޚަބަރު ލިބިފައިވަނީ މިރޭގެ ތަންކޮޅެއް ލަސް ވަގުތެއްގައިކަމަށާއި، މާދަމާ މިކަމުގެ ތަފްސީލް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.









