ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފިއެވެ،
އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ދެއްވި މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އެދެކަނބަލުންގެ އަރިހުގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފްދު، ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ފަރިއްކޮޅު ބާއްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ގެކޮޅުގަ އެވެ.
އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަން ރާއްޖެއަށް ޚާއްޞަވެގެންދާ އެއްކަމަކީ މި ސެޝަނުގެ ރައީސްގެ މަޤާމު ފުރަތަމަ ފަހަރަށް ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމެވެ. މިއީ ރާއްޖެ އދ. އާ ގުޅުނުފަހުން، ބައިނަލްއަޤްވާމީ މައިދާނުގައި ފާއިތުވި ދިގު މާޒީގައި މިހާތަނަށް ރާއްޖެއަށް ނުލިބޭހާ ބޮޑު ކާމިޔާބީއެކެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގަ އެވެ.
އދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގެ ތެރޭގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ. އަދި، އދ.ގެ ޢާންމު މަޖިލީހުގެ ޙަރަކާތްތަކުގެ ތެރެއިން ބާއްވާ އެކިއެކި މަތީ ފަންތީގެ ރަސްމިއްޔާތުތަކުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.









