އެމްއެމްޕީއާރުސީ މަނީލޯންޑަރިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މަައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ. ނަމަވެސް ޔާމިންގެ ދިފާއީ ވަކީލުން ބުނަމުން ދިޔައީ އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތްކަމަށެވެ. އެގޮތުން އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ޝައްކު އުފެދުނީ އެ ފައިސާ އެސްއޯއެފްއަށް ޖަމާކުރި ކަމަށް ބުނާ ޗެކު ނަމްބަރުތައް ދިމާނުވާތީ އެވެ. ހުކުމާ ގާތްވެފައި ވަނިކޮށް، މި ޗެކު ނަމްބަރުތައް ދިމާނުވާކަން ފާހަގަވެގެން ސުޕްރީމް ކޯޓުން އިތުރު އަޑުއެހުމެއް ބާއްވައި ދެ ފަރާތާ ސުވާލު ވެސް ކުރި އެވެ. މިއަދުގެ ހުކުމުގައި ފާހަގަކުރީ ދަށު ކޯޓާއި ހައި ކޯޓުގެ މަރުހަލާއިން ވެސް މައްސަލަ ނިމިގެން ސުޕްރީމް ކޯޓާ ހަމައަށް އައި އިރު އެއީ ފާހަގަކުރެވިފައި އޮންނަން ޖެހޭނެ މައްސަލައެއް ކަމަށެވެ.
ފަސް އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމިން ސަލާމާތްވި އިރު އެމަނިކުފާނު ހުންނެވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގެއަށް ބަދަލު ކުރެވިފައެވެ.









